ދޮންފަނު ގޮނޑި އެމްޑީޕީއަށް، ފުވައްމުލަކު ސިޓީ ކައުންސިލް ގޮނޑި އަމިއްލަ ކެންޑިޑޭޓަށް
މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުގެ ދެވަނަ ބުރުގައި ބ. ދޮންފަނު ކައުންސިލް ގޮނޑި އިދިކޮ� ު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކާމިޔާބުކުރިއިރު ފުވައްމުލަކު ސިޓީ ކައުންސިލް ގޮނޑި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު ކާމިޔާބު ކުރައްވައިފި އެވެ.
ޖުމުލަ ފަސް ރަށެއްގައި މިއަދު ވޯޓުލުން ކުރިއަށްދިޔަ އެވެ. އޭގެ ތެރެއިން ދެ ރަށެއްގައި ކައުންސިލަށް ވޯޓުލިއިރު ތިން ރަށެއްގައި ވޯޓުލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ގޮނޑިތަކަށެވެ.
ދޮންފަނު ކައުންސިލް ގޮނޑި އެމްޑީޕީ ކެންޑިޑޭޓު އައިމިނަތު ރަފާހު ކާމިޔާބުކުރީ 203 ވޯޓާއެކު އެވެ. އޭނާއާ ވާދަކުރި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީީ) ގެ ކެންޑިޑޭޓަށް ލިބުނީ 166 ވޯޓެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ ދަޑިމަގު ދާއިރާގެ ގޮނޑި އަމިއްލަ ގޮތުން ވާދަކޮށް ޝީޒާ އިބްރާހިމް ކާމިޔާބުކުރީ 595 ވޯޓުންނެވެ. ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނީ 562 ވޯޓެވެ. މި ނަތީޖާ އާއެކު ވެރިކަން ކުރާ ޕާޓީއަށް ފުވައްމުލަކު ސިޓީ ކައުންސިލުން އެއްވެސް ގޮނޑިއެއް ނުލިބެ އެވެ.
މިއަދު ވޯޓު ނެގި ޑަބްލިއުޑީސީގެ ގޮނޑިތައް ނެގީ ޕީއެންސީންނެވެ. އެ ޕާޓީން ވަނީ ކެލާ ޑަބްލިއުޑީސީގެ ރައީސް ކަމާއި ލ. މާވަށާއި ހދ. ނޭކުރެންދޫގެ ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކޮށްފަ އެވެ.
