ދައުލަތުގެ އާމްދަނީ 6% އިތުރުވެ، ޚަރަދު 22% ދަށްވެއްޖެ
މުހިންމު ކަންތައްތައް
- 1.ޖޫން 5 ގެ ނިޔަލަށް ދައުލަތަށް 16.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 6 އިންސައްތަ އިތުރު އަދަދެކެވެ.
- 2.ޖުމްލަ އާމްދަނީގެ 78 އިންސައްތަ ނުވަތަ 13 ބިލިއަން ރުފިޔާ ހިއްސާކުރަނީ ޓެކްސް އާމްދަނީއެވެ.
- 3.މި އަހަރަށް ލަފާކުރި ޖުމްލަ އާމްދަނީގެ 41.9 އިންސައްތަ މިހާރު ވަނީ ދައުލަތަށް ލިބިފައެވެ.
- 4.ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 15.5 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 22 އިންސައްތަ މަދު އަދަދެކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖޫން މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 16.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފިސްކަލް ސިޔާސަތުތަކުގެ ނަތީޖާ ރަނގަޅުވަމުން އަންނަކަން އަންގައިދޭ ކަމެކެވެ.
ލިބުނު ޖުމްލަ އާމްދަނީގެ 78 އިންސައްތަ ނުވަތަ 13 ބިލިއަން ރުފިޔާ ހިއްސާކުރަނީ ޓެކްސްގެ އާމްދަނީއެވެ. މިއިން ދޭހަވަނީ، ހިލޭ އެހީ އާއި ބޭރުގެ ލޯނުތަކަށް ބަރޯސާވުމުގެ ބަދަލުގައި، ދިވެހި އިޤްތިޞާދު އަމިއްލަ ފައިމައްޗަށް ތެދުވަމުން އަންނަ ކަމެވެ. ވަޒީފާގެ ބާޒާރާއި ވިޔަފާރިތައް ހަރަކާތްތެރިވުމުގެ ނަތީޖާއެއްގެ ގޮތުން ޓެކްސްގެ ނިޒާމު ހަރުދަނާވެ، ދައުލަތުގެ އާމްދަނީގެ ބިންގާ ވަނީ ވަރުގަދަވެފައެވެ. މީގެ އިތުރުން، މިއަހަރަށް ލަފާކުރި ޖުމްލަ އާމްދަނީގެ 41.9 އިންސައްތަ މިހާރު ވަނީ ލިބިފައެވެ.
ޚަރަދު ކުޑަކުރުމުގައި ވެސް ސަރުކާރުން ވަނީ ނަތީޖާ ނެރެފައެވެ. ޖޫން މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ޚަރަދުކޮށްފައިވަނީ 15.5 ބިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 22 އިންސައްތައިގެ ދަށްވުމެކެވެ. ޚަރަދުކުރި މިންވަރަށްވުރެ ލިބުނު އާމްދަނީ 1.2 ބިލިއަން ރުފިޔާ އިތުރުވުމަކީ، ސަރުކާރުގެ މާލީ ހިންގުންތެރިކަން ރަނގަޅުކަން އަންގައިދޭ ކަމެކެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ދަރަނި އަދާކުރުމަށާއި، ކުރީގެ ސަރުކާރުތަކުން ކޮންޓްރެކްޓަރުންނަށް ނުދީ ހުރި ފައިސާ ދެއްކުމަށް މަގުފަހިވެގެންދެއެވެ. އާމްދަނީ އިތުރުވެ، ޚަރަދުތައް ކުޑަވުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ވެފައިވާ މާލީ ވަޢުދުތައް ފުއްދަމުންދާކަމުގެ ޔަޤީންކަމެކެވެ.
