PNC CommunityPNC Community

ދައުލަތުގެ ޚަރަދު 22 އިންސައްތަ ދަށްވެއްޖެ: ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ނަތީޖާ ފެންނަން ފަށައިފި

May 14

މުހިންމު ކަންތައްތައް

  1. 1.މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ޖޫން 5 ގެ ނިޔަލަށް ބަޖެޓުގެ ޖުމްލަ ހަރަދު 22 އިންސައްތަ ދަށްވެފައިވެއެވެ.
  2. 2.މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށް ކުރި ހޭދަ 5.5 ބިލިއަނުން 6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ.
  3. 3.ކެޕިޓަލް ހަރަދު 5.2 ބިލިއަން ރުފިޔާއިން 1.4 ބިލިއަން ރުފިޔާއަށް ބޮޑުތަނުން ދަށްވެފައިވެއެވެ.
  4. 4.ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރި ހޭދަ 4.7 ބިލިއަން ރުފިޔާއިން 1.4 ބިލިއަން ރުފިޔާއަށް ވަނީ މަދުވެފައެވެ.
  5. 5.އިދާރީ އަދި ހިންގުމުގެ ހަރަދުތައް މިދިޔަ އަހަރާ އަޅާބަލާއިރު 1 ބިލިއަން ރުފިޔާ މަދުވެފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖޫން 5 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ ޚަރަދުކޮށްފައިވަނީ 15.6 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 22 އިންސައްތައިގެ ދަށްވުމެކެވެ. މި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ސަރުކާރުގެ އިދާރީ އަދި ހިންގުމުގެ ޚަރަދު ވަނީ 9 ބިލިއަން ރުފިޔާއިން 8 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ ޚަރަދު ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ޙާޞިލުކުރެވިފައިވާ ހެޔޮ ބަދަލެކެވެ.

މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށް ކުރި ޚަރަދު ވަނީ 5.5 ބިލިއަން ރުފިޔާއިން 6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ ސިޔާސީ ވަޒީފާތައް އިތުރުކޮށްގެން އައިސްފައިވާ ބަދަލެއް ނޫންކަމާއި، މިއީ ސިވިލް ސަރވިސް މުވައްޒަފުންނާއި ޕެންޝަނަށް ދައުލަތުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާގެ ތެރެއިން އިތުރުވި ޢަދަދެއްކަން ފާހަގަކުރެވެއެވެ. ހަމައެހެންމެ، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކެޕިޓަލް ޚަރަދު ވަނީ 5.2 ބިލިއަން ރުފިޔާއިން 1.4 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. އަދި އޭގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ޚަރަދު ވަނީ 4.7 ބިލިއަނުން 1.4 ބިލިއަން ރުފިޔާއަށް ދަށްކޮށްފައެވެ. މި ބަދަލު ގުޅިފައިވަނީ ކުރީ ސަރުކާރުން ވާރުތަވެފައިވާ ދަރަނި އަދާކުރުމަށް ދައުލަތުން ކުރަންޖެހުނު ބޮޑެތި ހޭދަތަކާއެވެ. އެގޮތުން، 2024 ވަނަ އަހަރުގެ ކުރީކޮޅު އިންޑިއާއާއެކު ހަދާފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީގެ ދަށުން 400 މިލިއަން ޑޮލަރު ވަނީ ދައްކާފައެވެ. ކުރީ ސަރުކާރުން އެންމެ 5 މަސްދުވަހުގެ ތެރޭގައި ޕީއެސްއައިޕީއަށް 4.7 ބިލިއަން ރުފިޔާ ޚަރަދުކުރުމަކީ މާލީ ގޮތުން ދެމެހެއްޓެނިވި ކަމަކަށް ނުވިއިރު، މިއަދު ސަރުކާރުން އަމާޒު ހިފާފައިވަނީ ޖުމްލަ ޚަރަދުތައް ކުޑަކޮށް، ދަރަނި އަދާކުރަމުން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށެވެ.