ސީ-ޓު-އެއަރ ކާގޯ: 17 އެއަރލައިން، 23 މަންޒިލް، 2 މިލިއަން ކިލޯ
މުހިންމު ކަންތައްތައް
- 1.ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގައި 17 ބައިނަލްއަގުވާމީ އެއަރލައިނަކުން ބައިވެރިވެއެވެ.
- 2.މިދިޔަ މޭ މަހު ޚިދުމަތް ފެށި ފަހުން މިހާތަނަށް ދެ މިލިއަން ކިލޯއަށްވުރެ ގިނަ މުދާ ވަނީ އުފުލާފައެވެ.
- 3.މިހާރު ދުނިޔޭގެ 23 މަންޒިލަކަށް މި ޚިދުމަތް މެދުވެރިކޮށް މުދާ ފޮނުވައެވެ.
- 4.މިއީ އެމްއޭސީއެލް، އެމްޕީއެލް އަދި މޯލްޑިވްސް ކަސްޓަމްސް ގުޅިގެން ހިންގާ ޚިދުމަތެކެވެ.
- 5.މިއީ އިޤްތިޞާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދު ސިންދަފާތު ކުރުމުގެ ސިޔާސަތުގެ ދަށުން ފެށި، ދިވެހިރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހާސިލުކޮށްފައެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މޭ މަހު ފެށި މި ޚިދުމަތުގައި މިހާތަނަށް 17 ބައިނަލްއަޤުވާމީ އެއަރލައިނަކުން ބައިވެރިވެ، ދުނިޔޭގެ 23 މަންޒިލަކަށް ދެ މިލިއަނަށްވުރެ ގިނަ ކިލޯގެ މުދާ ވަނީ ފޮނުވާފައެވެ. ނުވަ މަހެއްހާ ދުވަހުގެ ތެރޭގައި ލިބުނު މި ތަރުޙީބަކީ، ލޮޖިސްޓިކްސް ހަބެއްގެ ގޮތުގައި ބައިނަލްއަޤުވާމީ ބާޒާރުން ދިވެހިރާއްޖެއަށް އިތުބާރުކުރާ ކަމުގެ ސާފު ހެއްކެކެވެ.
މި ޚިދުމަތް ހިންގަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެންނެވެ. ދައުލަތުގެ ތިން މުއައްސަސާއެއް ގުޅިގެން، އެއްވެސް މައްސަލައެއް ނެތި މި ޚިދުމަތް ހިންގަމުންދާ ދިއުމަކީ، ކާމިޔާބުކަމާއެކު ބައިނަލްއަޤުވާމީ ފެންވަރުގެ ވިޔަފާރީގެ ނިޒާމުތައް ހިންގުމުގެ ޤާބިލުކަން ސަރުކާރުގައި ހުރިކަން ސާބިތުކޮށްދޭ ކަމެކެވެ. ވެލާނާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގައި ހިންގާ މި ނިޒާމުގެ ދަށުން، ކަނޑުމަގުން ރާއްޖެ ގެންނަ މުދާ، ވައިގެ މަގުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފޮނުވޭނެ މަގު ވަނީ ތަނަވަސްވެފައެވެ.
ސަރުކާރުގެ ރިޔާސީ ވަޢުދުތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ތަރައްޤީކުރުމުގެ ވިސްނުން ހަމައެކަނި ވެލާނާ ބައިނަލްއަޤުވާމީ އެއަރޕޯޓަށް ހަނިކުރެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ވަޢުދު 100 ގައި ހިމެނޭ އުތުރުގެ އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރާއި، ވަޢުދު 101 ގައި ހިމެނޭ ދެކުނުގެ މައި ދޮރާށީގެ ގޮތުގައި ތަރައްޤީކުރާ އައްޑޫ ސިޓީއަކީވެސް މި ސިޔާސަތުގެ މުހިންމު ބައެކެވެ. ވެލާނާ އެއަރޕޯޓުގައި މިހާރު ކާމިޔާބުކަމާއެކު ތަޖުރިބާކުރެވިފައިވާ ސީ-ޓު-އެއަރ މޮޑެލްއަކީ، އެހެން ތަރައްޤީގެ ޒޯންތަކަށް މި ޚިދުމަތް ފުޅާކުރުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެކެވެ. މީގެ އިތުރުން، މިއީ މަސްވެރިކަން ފަދަ ވަގުތަށް ނާޒުކު ބާވަތްތައް އެކްސްޕޯޓުކުރާ ދިވެހި ވިޔަފާރިވެރިންނަށްވެސް ބައިނަލްއަޤުވާމީ ބާޒާރަށް އަވަހަށް މުދާ ފޯރުކޮށްދިނުމަށް ހުޅުވިގެންދާނެ ފަހި ފުރުޞަތެކެވެ.
