ލިވަޕޫލް އެފްސީ ޕާޓްނަރޝިޕާއެކު އިނގިރޭސިވިލާތުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓްކުރަނީ
މުހިންމު ކަންތައްތައް
- 1.ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލިވަޕޫލް ފުޓްބޯޅަ ކްލަބާއެކު 3.5 އަހަރުގެ ފަތުރުވެރިކަމުގެ ޕާޓްނަޝިޕެއް ފެއްޓެވުމަށް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.
- 2.މި ކެމްޕޭނުގެ ދަށުން ލަންޑަނުގެ 100 ޓެކްސީ އާއި، ބަސްތަކާއި، އިނގިރޭސިވިލާތުގެ މައި އެއާޕޯޓުތަކާއި އަންޑަރގްރައުންޑްގައި ރާއްޖެ އިޝްތިހާރު ކުރާނެއެވެ.
- 3.ރާއްޖޭގައި ފުޓްބޯޅައިގެ ތަމްރީނުތައް ކުރިއަށްގެންދާނެ ގޮތްތައް ބެއްލެވުމަށް ރައީސް އޭއެކްސްއޭ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތްކުރައްވާނެއެވެ.
- 4.މި ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓަރު ތޯރިޤް އިބްރާހީމާއި، ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރަފީޢު އަދި އެމްއެމްޕީއާރުސީގެ އެމްޑީ އިބްރާހިމް ޝިއުރީ ބައިވެރިވެވަޑައިގަންނަވައެވެ.
- 5.ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހު، 5 އޭޕްރީލް 2025 ގައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ލިވަޕޫލް ފުޓްބޯޅަ ކްލަބާއެކު ޤާއިމުކުރި 'އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރ' ކެމްޕޭން ރަސްމީކޮށް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. ތިން އަހަރާއި ބައިގެ މުއްދަތަށް ދެމިގެންދާ މި ޕާޓްނަރޝިޕް އިފްތިތާޙްކުރުމުގެ މި ދަތުރުފުޅުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމާއި، ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ބައިވެރިވެވަޑައިގަންނަވައެވެ.
ވިޒިޓް މޯލްޑިވްސްއިން މާރިޗު 27 ގައި ފެށި ތިން މަހުގެ އިޝްތިހާރު ކެމްޕޭންގެ ދަށުން، ލަންޑަންގެ 100 ޓެކްސީއާއި، ބަހާއި، ލަންޑަން އަންޑަގްރައުންޑްގެ އިތުރުން ބޮޑެތި އެއަރޕޯޓްތަކާއި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ރާއްޖެ ދަނީ އިޝްތިހާރުކުރަމުންނެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން މަތީ ފަންތީގެ ފަތުރުވެރިން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެކެވެ. 2025 ވަނަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއާ ކަނޑުގެ 'ލީޑިންގ ޑެސްޓިނޭޝަން' ގެ މަޤާމު ރާއްޖެއިން ދިފާޢުކޮށް، އަދި 2027 ވަނަ އަހަރުގެ އައިޓީބީ ބާލިންގެ އޮފިޝަލް ހޯސްޓް ކަންޓްރީގެ މަޤާމު ހޯދާފައިވާއިރު، މި ޕާޓްނަރޝިޕަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިއެރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ އިތުރުން، ޒުވާނުންނާއި ކުޅިވަރު ތަރައްޤީކުރުމަށްވެސް މި ދަތުރުފުޅުގައި އިސްކަންދެއްވާފައިވެއެވެ. އެގޮތުން، ކުޅިވަރާ ބެހޭ ވަޒީރާއެކު ރައީސުލްޖުމްހޫރިއްޔާ ލިވަޕޫލްގެ އޭއެކްސްއޭ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތްކުރައްވައި، ރާއްޖޭގެ ކުޅިވަރުގެ އުމްރާނީ ތަރައްޤީއާއި ކުޅުންތެރިންގެ ހުނަރު ކުރިއެރުވުމަށް ބޭނުންކުރެވިދާނެ ޒަމާނީ ފަރިތަކުރުންތަކުގެ އުކުޅުތައް ބައްލަވާލައްވާނެއެވެ. މީގެ އިތުރުން، ލީޑްސްގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާވެސް އެމަނިކުފާނު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 2025 އޭޕްރީލް 5 ވާ ހޮނިހިރު ދުވަހުއެވެ.
