އިނގިރޭސިވިލާތުން ދިވެހި މަހަށް ޓެރިފް ކަނޑާލައިފި.
މުހިންމު ކަންތައްތައް
- 1.އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ދިވެހި މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކަނޑާލުމަށް އެ ގައުމުން ނިންމުމާ ގުޅިގެން، ޔޫކޭ މާކެޓުގައި ދިވެހި މަހަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
- 2.މި ޓެރިފް ކަނޑާލުމުގެ ސަބަބުން މަސްވެރިންގެ އާމްދަނީ އިތުރުވެ، ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.
- 3.އިނގިރޭސިވިލާތުގެ ޓެރިފް ކަނޑާލުމަށްޓަކައި ރާއްޖޭގެ އެކި ސަރުކާރުތަކުން ވޭތުވެދިޔަ 12 އަހަރަށްވުރެ ދިގު މުއްދަތެއްގައި ބުރަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
- 4.ދިވެހިރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރާ ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ގައުމެކެވެ.
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކަނޑާލުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި ގައުމީ އިގްތިސާދަށް ލިބުނު ތާރީޚީ ކާމިޔާބީއެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ނިންމުމަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި ޓެރިފް ސަސްޕެންޝަނުގެ ސަބަބުން އިނގިރޭސިވިލާތުގެ ބާޒާރުގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމުން ބާނާ ކަނޑުމަހުގެ ބާވަތްތަކަށް ކުރިއަށްވުރެ ފުޅާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. މީގެ އިތުރުން، މިއީ އިނގިރޭސިވިލާތުގެ ކޮންސިއުމަރުންނަށް ދިވެހި މަހުގެ ބާވަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްވެ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، މި ބަދަލާއެކު ދިވެހި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެއެވެ. މަސްވެރިކަމަކީ ދިވެހިންގެ ދިރިއުޅުމާއި އިގްތިސާދުގެ މައިބަދަ ކަމަށްވާއިރު، ބައިނަލްއަގުވާމީ ބޮޑު ބާޒާރަކުން މިފަދަ ލުޔެއް ލިބުމަކީ މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރާ ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެފައިވާ ގައުމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މި ތާރީޚީ ރީތި ނަން އިތުރަށް ހަރުދަނާވެގެންދާނެއެވެ. ބައިނަލްއަގުވާމީ މާކެޓުގައި ދިވެހި މަހަށް އޮތް ޑިމާންޑް އިތުރުވުމަކީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.
މިއީ ވޭތުވެދިޔަ 12 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ރާއްޖޭގެ އެކި ސަރުކާރުތަކުން އިނގިރޭސިވިލާތުގެ ޓެރިފް ކަނޑާލުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި މިކަން ކާމިޔާބުވުމަކީ ސަރުކާރުގެ ހަރުދަނާ ޚާރިޖީ އަދި އިގްތިސާދީ ސިޔާސަތުތަކުގެ ހެއްކެކެވެ. މި ކާމިޔާބީއަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެނިފެސްޓޯގެ 262 ވަނަ ވައުދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. މި ވައުދުގެ ދަށުން، ރާއްޖެއަށް ބޭރު ފައިސާ ވަންނާނެ މަގުތައް ތަނަވަސްކޮށް، ގައުމީ އިގްތިސާދުގެ ތެރޭގައި ބޭރު ފައިސާގެ ދައުރުވުން އިތުރުކުރުމަށް ވަނީ އަމާޒުހިފާފައެވެ. އިނގިރޭސިވިލާތުގެ ބާޒާރުން ޓެރިފް ކަނޑާލުމުން، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުވެ، އިގްތިސާދީ ދާއިރާއަށް ބޮޑު ދިރުމެއް ލިބޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިނގިރޭސިވިލާތުގެ ސަރުކާރަށާއި މި މަސައްކަތުގައި އެހީތެރިވެދެއްވި ހުރިހާ ބައިވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މި ނިންމުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމާއި، ދެމެހެއްޓެނިވި ވިޔަފާރިއާއި އިގްތިސާދީ ތަރައްގީއަށް ދެގައުމުން ކުރާ އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. މި ތާރީޚީ ކާމިޔާބީގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާއަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. ޚާއްޞަކޮށް ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މީގެއިން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
