ޖެޓް ފިއުލް އަގު ހެޔޮވެ، ރާއްޖެއަށް ފްލައިޓްތައް އިތުރުވެއްޖެ.
މުހިންމު ކަންތައްތައް
- 1.އެއާލައިންތަކަށް ހިތްވަރު ދިނުމުގެ ގޮތުން، މޭ 15 ވަނަ ދުވަހުން ފެށިގެން ޖެޓް ފިއުލްގެ އަގު ލިޓަރަކުން 1.90 ޑޮލަރުން 1.60 ޑޮލަރަށް ވަނީ ހެޔޮކޮށްފައެވެ.
- 2.މެދުއިރުމަތީގެ ހަމަނުޖެހުންތައް ފެށުނު ދުވަސްވަރާ އަޅާބަލާއިރު، ހަފުތާއަކު ކެންސަލްވާ ފްލައިޓްތަކުގެ އަދަދު 99 އިން 70 އަށް ދަށްވެ، 22 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.
- 3.މެދުއިރުމަތީގެ ބޮޑެތި އެއާލައިންތައް ކަމަށްވާ އެމިރޭޓްސް އާއި ޤަޠަރު އެއާވޭޒްގެ ދަތުރުތައް ރާއްޖެއަށް އަލުން ވަނީ ފަށާފައެވެ.
- 4.އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށިފައިވާއިރު، މެލްބަން އިން ބުދަ ދުވަހު އައި ފްލައިޓް އައިސްފައިވަނީ 92 އިންސައްތަ ފުރިގެންނެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ބައިނަލްއަޤުވާމީ ގޮންޖެހުންތަކުން އަރައިގަނެ، ކުރިއަށް އޮތް ހޫނު މޫސުމާ ދިމާކޮށް ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަޤުވާމީ އެއާލައިންތަކުގެ ފްލައިޓްތައް އިތުރުކުރުމަށްޓަކައި، ސަރުކާރުން ޖެޓް ފިއުލްގެ އަގު ހެޔޮކުރުމަށް ނިންމި ހަރުދަނާ ނިންމުމާއެކު ވަރަށް އުންމީދީ އަދި ރަނގަޅު ނަތީޖާއެއް ފެންނަން ފަށައިފި ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ.
މިގޮތުން، ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ އެއާލައިންތަކަށް ރާއްޖެއަށް ދަތުރުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖެޓް ފިއުލް ރީޓެއިލްކޮށް ވިއްކާ އަގު ލިޓަރަކުން 1.90 ޑޮލަރުން 1.60 ޑޮލަރަށް ވަނީ ހެޔޮކޮށްފައެވެ. މި ނިންމުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ފަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދިނުމަށް ޕީއެންސީގެ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދާ (ވައުދު ނަންބަރު 264) އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ވަރަށް މުހިންމު ނިންމުމެކެވެ. މީގެ ސަބަބުން ރާއްޖެއަކީ ބައިނަލްއަޤުވާމީ އެއާލައިންތަކަށް ޚިދުމަތް ހޯދުމަށް އިތުބާރު ހުރި އަދި އަގުހެޔޮ މަންޒިލަކަށް ވެގެންދާނެއެވެ.
މިނިސްޓަރު އަމީން އިތުރަށް ހާމަކުރެއްވި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތައް ފެށުނު ދުވަސްވަރު ރާއްޖެއަށް ކުރާ ދަތުރުތަކުގެ ތެރެއިން ހަފުތާއަކު އެވްރެޖްކޮށް 99 ފްލައިޓް ކެންސަލްވަމުން ދިޔައެވެ. ނަމަވެސް ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އިޤްތިޞާދީ އިސްލާޙީ ފިޔަވަޅުތަކުގެ ސަބަބުން މިހާރު ކެންސަލްވާ ފްލައިޓްތަކުގެ އަދަދު ވަނީ 70 އަށް ދަށްވެފައެވެ. މިއީ ފްލައިޓްތައް ކެންސަލްވާ މިންވަރުން 22 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މެދުއިރުމަތީގެ އެންމެ ބޮޑެތި އެއާލައިންތައް ކަމަށްވާ އެމިރޭޓްސް އާއި ޤަޠަރު އެއާވޭޒްގެ ދަތުރުތައް މިހާރު ވަނީ ރާއްޖެއަށް އަލުން ފަށާފައެވެ. މީގެ އިތުރުން ދުނިޔޭގެ މަޝްހޫރު ފަސް އެއާލައިނަކުން މިހާރު ދަނީ ރާއްޖެއަށް ވަރަށް ހަރުދަނާކަމާއެކު ދަތުރުތައް ބާއްވަމުންނެވެ.
މިއަހަރުގެ މާރިޗު މަހު ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު 22 އިންސައްތަ އަދި އޭޕްރީލް މަހު 26 އިންސައްތަ ދަށަށް ދިޔަ ނަމަވެސް، ފަހުގެ މަސްތަކާ އަޅާބަލާއިރު ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ 17 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އަދި ކުރިއަށް އޮތް ހޫނު މޫސުމުގެ ފްލައިޓް ޝެޑިއުލްތައް ކަނޑައެޅިގެންދާއިރު، ފާއިތުވި އަހަރާ އަޅާބަލާއިރު ފަސިންޖަރުންގެ އަދަދު 2 އިންސައްތަ އިތުރުވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
މީގެ އިތުރުން، އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފުރަތަމަ ފަހަރަށް ފެށިގެން ގޮސްފައިވާއިރު، މެލްބަން އިން ބުދަ ދުވަހު ރާއްޖެއަށް އައި ފުރަތަމަ ފްލައިޓް އައިސްފައިވަނީ 92 އިންސައްތަ ފުރިގެންނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް އިތުރަށް ފުޅާވެ، ކުރިއަށް އޮތް މޫސުމުގައި ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމުގެ އުންމީދީ ނިޝާނެކެވެ. މިފަދަ ކާމިޔާބީތަކުން ދައްކުވައިދެނީ ސަރުކާރުގެ ހަރުދަނާ އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބެމުންދާ ކުރިއެރުމެވެ.
