ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަންނަ އަހަރުވެސް ކުރިއަށްދާނެ.
މުހިންމު ކަންތައްތައް
- 1.ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ ފައިނޭންސްގެ ދަށުން 13 ރަށެއްގައި ގާތްގަނޑަކަށް 900 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ވަނީ ޙަވާލުކޮށްފައެވެ.
- 2.ގްރޭޓަރ މާލެ ސަރަޙައްދުގައި 4،000 އާ ހަމައަށް ފްލެޓް އެޅުމަށް ކޮންޓްރެކްޓްތައް ވަނީ ޙަވާލުކޮށްފައެވެ.
- 3.އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލް.އޯ.ސީ) އެހީގެ ދަށުން އަޅާ 4،000 ހައުސިންގ ޔުނިޓްގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާތައް ދަނީ ކުރެވެމުންނެވެ.
- 4.ޗައިނާ ސަރުކާރުގެ އެހީގައި 500 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ އިދާރީ މަސައްކަތްތައް ދަނީ ހިނގަމުންނެވެ.
- 5.ކުރީގެ ސަރުކާރުން ބިން ހިއްކުމުގެ ކުރިން ނުހިއްކާ ހުރި ސަރަޙައްދުތަކުން ގޯތި ދޫކޮށްފައިވާތީ ރައީސް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިހާރުވެސް ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ކުރިއަށްދާ ކަމަށާއި އަދި އަންނަ އަހަރު އިތުރު ބޮޑެތި މަޝްރޫޢުތަކެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިޢުލާން ކުރައްވާފައެވެ. ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގެ "ރާއްޖޭގެ ވާހަކަ" (ނޭޝަން ޗެޓް) ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަކީ ރައްޔިތުންނަށް ލިބިދޭންޖެހޭ އެންމެ އަސާސީ އެއް ޙައްޤު ކަމަށާއި، އެހެންކަމުން މި ދާއިރާއަށް ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދެއްވައިގެން ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށެވެ.
މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތަފްޞީލަށް އަލިއަޅުއްވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ ފައިނޭންސްގެ ދަށުން ރާއްޖޭގެ ތަފާތު 13 ރަށެއްގައި ގާތްގަނޑަކަށް 900 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް އެކި ފަރާތްތަކާ ޙަވާލުކުރެވިގެން ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، އާބާދީ ބޮޑެތި ރަށްރަށުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) މެދުވެރިކޮށް އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އެއްބަސްވުންތަކާއެކު ޢަމަލީގޮތުން ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ބޯހިޔާވަހިކަން ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެކެވެ.
މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގްރޭޓަރ މާލެ ސަރަޙައްދުގައި 4،000 ފްލެޓް އެޅުމަށް މިހާރު ކޮންޓްރެކްޓްތައް ޙަވާލުކޮށްފައިވާ ކަމަށެވެ. އަދި އަގުހެޔޮ ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން 2،000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ސަރުކާރުން އިޢުލާން ކުރެއްވުމުން، އެކަމަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި، ބޭރުގެ ބައެއް ޤައުމުތަކާއެކު ސަރުކާރުން ދަނީ ގާތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން، އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލް.އޯ.ސީ) އެހީގެ ދަށުން އިމާރާތްކުރާ 4،000 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް ހަލުވިކުރުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ޗައިނާ ސަރުކާރުގެ އެހީގައި 500 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
ޢިމާރާތްކުރުމުގެ މަޝްރޫޢުތަކުގެ އިތުރުން، ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހައުސިންގ ލޯނުތައް ދޫކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. ރައީސް ވިދާޅުވީ ވޭތުވެދިޔަ އަހަރާއި މި އަހަރުވެސް ލޯނުތައް ދޫކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުން ވެރިކަމާ ޙަވާލުވުމަށްފަހު އެންމެ ފުރަތަމަ އިސްކަމެއް ދެއްވި ކަންކަމުގެ ތެރޭގައި ކުރީގެ ސަރުކާރުން ފަށާފައިވާ ހައުސިންގ މަޝްރޫޢުތައް ނިންމުމާއި، ޙައްޤުވެރިންނަށް ގޯއްޗާއި 4،000 ފްލެޓް ޙަވާލުކުރުން ހިމެނޭ ކަމަށެވެ. ނަމަވެސް، ކުރީގެ ސަރުކާރުން ހިންގާފައިވާ ބައެއް ނޭދެވޭ ކަންކަމަށް އިޝާރާތްކުރައްވައި، އަދި ކަނޑުން ހިއްކާފައި ނުވާ ސަރަޙައްދުތަކުން ބިންތައް ދޫކޮށްފައިވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ރައީސް ފާޑުވިދާޅުވިއެވެ.
