PNC CommunityPNC Community

ޝަކުވާ ބިއުރޯ ޖުލައި 26 ގެ ކުރިން ހުޅުވަނީ

‏4 ދުވަސް ކުރިން

މުހިންމު ކަންތައްތައް

  1. 1.ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ޚިދުމަތްތައް ޖުލައި 26 ގެ ކުރިން ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.
  2. 2.މި ޝަކުވާތައް ބެލެހެއްޓުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 24 ގަޑިއިރު ހިނގާ ޚާއްޞަ އޮފީހެއް ދަނީ ގާއިމުކުރެވެމުންނެވެ.
  3. 3.ޝަކުވާތައް އަވަހަށް މެނޭޖްކޮށް ހައްލުކުރުމަށްޓަކައި މި ބިއުރޯއިން އާޓިފިޝަލް އިންޓެލިޖެންސް އާއި ކުރިއަރާފައިވާ ޑިޖިޓަލް ނިޒާމެއް ބޭނުންކުރާނެއެވެ.
  4. 4.ޖެމްސް، އީމެއިލް، ސިޓިޒަންސް ވޮއިސް ޕްލެޓްފޯމް، ފޯނު، ސިޓީ އަދި ސޯޝަލް މީޑިއާ ހިމެނޭގޮތަށް ތަފާތު ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް ޝަކުވާ ހުށަހެޅޭނެއެވެ.
  5. 5.ޝަކުވާތައް މެނޭޖްކުރުން އެއް މިންގަނޑަކަށް ފެއްތުމަށްޓަކައި ބިއުރޯގެ ޑިޖިޓަލް ނިޒާމު ސަރުކާރުގެ ހުރިހާ އިދާރާތަކަކާ ގުޅާލެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ދިވެހިރާއްޖޭގައި ސަރުކާރުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުން، "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ޚިދުމަތްތައް މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ރަސްމީކޮށް ފެށޭނެ ކަމަށް އިޢުލާން ކުރައްވާފައެވެ. ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގެ "ރައީސްއާއެކު ދިވެހިރާއްޖެ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އިދާރާތަކުގެ ޖަވާބުދާރީވުން އިތުރުކުރުމަށްޓަކައި ފުރިހަމަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މި ބިއުރޯގެ އިތުރުން، ވުޒާރާތަކުގެ ފްރަންޓް އޮފީސްތަކުގެ ޚިދުމަތްތައް ހަރުދަނާކުރުމާއި، ފޯނުތަކަށް ވަގުތުން ޖަވާބުދާރީވުން ކަށަވަރުކުރުމަކީވެސް މި ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަންކަމެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ފުރަތަމަ ފަހަރަށް އިޢުލާން ކުރެއްވި މި ބިއުރޯއަކީ، ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ޖަވާބުދާރީވުމުގައި ހުރި މައްސަލަތަކަށް ލިބޭނެ އެންމެ މުހިންމު ހައްލު ކަމަށް ރައީސް ސިފަކުރެއްވިއެވެ.

"އަޅުގަނޑުމެން މިދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، މުޅި ސަރުކާރުގެ އެންމެހައި ޝަކުވާތަކަށް 24 ގަޑިއިރު ޚިދުމަތްދޭނެ ޚާއްޞަ އޮފީހެއް ގާއިމުކުރަމުން. މި އޮފީސް އުފެއްދުމުގެ އިދާރީ ހުރިހާ މަސައްކަތްތަކެއް ދަނީ ވަރަށް ބާރަށް ކުރިއަށް. އަދި މި ސެކްޝަން ހިންގެވުމަށް ވަރަށް ގާބިލު ބޭފުޅަކު ވެސް ވަނީ އައްޔަންކުރެވިފައި،" ރައީސް ވިދާޅުވިއެވެ.

މި އައު ބިއުރޯއިން ރައްޔިތުންގެ ޝަކުވާތައް ބަލައިގަނެ، ހައްލުކުރުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފާނެއެވެ. ރައީސް ވިދާޅުވި ގޮތުގައި، ހުށަހަޅޭ ޝަކުވާތައް ބަލަހައްޓާނީ ކަމާބެހޭ އިދާރާތަކުން އަވަހަށް މަޢުލޫމާތު ހޯދައި، ރައްޔިތުންނަށް އަވަސް ޖަވާބެއް ދެވޭނެ ފަދަ އޭއައި ބޭނުންކުރާ ކުރިއަރާފައިވާ ޑިޖިޓަލް ނިޒާމެއްގެ ދަށުންނެވެ. މީގެ އިތުރުން، 24 ގަޑިއިރު ހިނގާ ކޯލް ސެންޓަރެއްގެ ޚިދުމަތް ވެސް މި ނިޒާމާއެކު ލިބިގެންދާނެއެވެ.

ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ތަފާތު ވަސީލަތްތައް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. މީގެ ތެރޭގައި އާދައިގެ ސިޓީ، އީމެއިލް، "ސިޓިޒަންސް ވޮއިސް" ޕްލެޓްފޯމް، ޖެމްސް (GEMS)، ފޯނު އަދި ސޯޝަލް މީޑިއާ ހިމެނެއެވެ.

މި ބިއުރޯގެ ޑިޖިޓަލް ނިޒާމު ސަރުކާރުގެ ހުރިހާ އިދާރާތަކަކާ ގުޅާލެވިގެންދާނެއެވެ. މިއީ ވަކިވަކި އިދާރާތަކުން އަމިއްލައަށް ޝަކުވާތައް ބެލެހެއްޓުމުގެ ބަދަލުގައި، މުޅި ސަރުކާރު އެއްވިއުގައަކުން ގުޅާލެވޭ އެއް މިންގަނޑެއްގެ ނިޒާމެކެވެ. މި ބިއުރޯއިން ސަރުކާރުގެ އިދާރާތަކުން ޝަކުވާތަކަށް ދޭ ޖަވާބުތައް މޮނިޓަރކޮށް، ވަގުތުން ފިޔަވަޅު އަޅަމުންދާކަން ކަށަވަރުކުރާނެއެވެ. މި އިޞްލާޙީ ބަދަލަކީ ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ސަރުކާރެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.